ކޮންމެ މުޖުތަމައެއްގެވެސް އެންމެ ބޮޑު އުންމީދަކީ އިގްތިސާދީ ފުދުންތެރިކަމާއި ތަނަވަސްކަމެވެ. ކުމުންދޫގެ އިޤްތިޞާދީ ދުވެލި ހުރިގޮތާއި، ރަށަށް ލިބެންޖެހޭ މުއްސަނދިކަން ނުލިބި ލަސްވަމުންދާ ސަބަބުތަކާ މެދު އަބަދުވެސް ބަހުސް ކުރެވެއެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އިވެނީ ތަފާތު މައިގަނޑު ތިން ސަބަބެކެވެ. އެ ސަބަބުތަކާ މެދު ވިސްނާލާއިރު ހިތުގަ އުފެދޭ ސުވާލުތަކެއް ހުރެވެ. މިއީ ހަމަ އަސްލުގަވެސް ރަށް ޖިއޮގްރަފީގޮތުން އޮތް ސަރަހައްދުގެ ގޮތުން ދިމާވާ ކަމެއް ހެއްޔެވެ؟ ނުވަތަ އާބާދީ ކުޑަވުމުގެ ނަތީޖާ ހެއްޔެވެ؟ ނޫނީ މިއީ ސަރުކާރުގެ އިހުމާލުން ވާކަމެއް ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ހޯދުމުގެ ކުރިން، މިހާރު ކުމުންދޫގެ އިގްތިސާދު އޮތްގޮތާއި، ރަށަށް އާންމުދަނީ ވައްނަ ގޮތްތަކަށް ބަލާލަމާ ހިނގާށެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ކުމުންދޫގެ އިގްތިސާދަށް އާންމުދަނީ ވަންނަނީ މައިގަނޑު ތިން ގޮތަކަށެވެ. އެއީ:
1. ދަނޑުވެރިކަން: ކޮންމެ ހޮނިހިރު ދުވަހަކު ކުމުންދޫގެ ދަނޑުވެރިން ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރަށް ގޮސް، ރަށުގައި ހައްދާ މޭވާއާއި ތަރުކާރީ ވިއްކައިގެން ރަށަށް އާންދަނީ ވައްދައެވެ. ނަމަވެސް މިއީ ރަށުގެ ނިސްބަތުން ބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ.
2. މަސްވެރިކަން: ކުމުންދޫއަކީ މަސްވެރި ރަށަކަށް ވީނަމަވެސް، މަސްވެރިކަމުން ރަށަށް ވަންނަ ފައިސާގެ މިންވަރު ހުންނަނީ ނިސްބަތުން ދަށުގައެވެ. އަދި ގިނަ ފަހަރަށް މަސް ނުބޭނި މަސް ހިފާގެން ކުމުންދޫއަށް ވިއްކަން އަންނަނީ އެހެން ރަށްރަށުގެ ދޯންޔެވެ. އެހެންވުމުން މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ ރަށުގެ އިގްތިސާދުގެ ތެރޭގައި ދައުރުވުމުގެ ބަދަލުގައި، އެކި ބޭނުންތަކަށް ރަށުން ބޭރަށް ހޭދަވެގެންދަނީއެވެ.
3. ސަރުކާރު އަދި ރިސޯޓްގައި މަސައްކަތް ކުރާ ޒުވާނުންނަށް ލިބޭ މުސާރަ: ރަށުގެ އިގްތިސާދަށް އެންމެ ބޮޑު ފައިސާގެ “އިންޖެކްޝަނެއް” ލިބެނީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ރަށުގެ ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ މުސާރައިންނެވެ.
މިދެންނެވި ގޮތްތަކަށް ރަށަށް ފައިސާ ވަންނަމަވެސް، އެ ފައިސާ ރަށުގައި ހަރުލާފައި ނުހުންނަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަށް ބަލާލަމާ ހެއްޔެވެ. ރަށް އޮތް ސަރަހައްދު، ރަށުގެ އާބާދީ އަދި ސަރުކާރުން އަޅާނުލުން؛ މިއީ ހަޤީޤީ ސަބަބުތައް ހެއްޔެވެ؟
ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ދެކެވެނީ ރަށް އޮތް ތަނުގެ ގޮތުން ނުވަތަ އާބާދީ ކުޑަވުމުން ކުރިއެރުން ނުލިބެނީ ކަމަށެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. ތެދެކެވެ! ބައެއް އަތޮޅުތަކުގެ ރަށްތައް، މިސާލަކަށް ބ. އަތޮޅުގެ ރަށްތައް ކުރިއަރަނީ ކައިރީގައި ހުރި ރިސޯޓްތަކުން ލިބޭ ރަށަށް ލިބޭ މަންފާގެ ސަބަބުންނެވެ. ނަމަވެސް، ރިސޯޓްތައް މަދު އަތޮޅުތަކުގެ ރަށްތަކަށް ބަލާލަމާ ހިނގާށެވެ. ށ. މިލަންދޫ ފަދަ ރަށްތަކަކީ ކައިރީގައި މާ ގިނަ ރިސޯޓްތަކެއް ނެތް ނަމަވެސް، އަމިއްލަ މަސައްކަތުން އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ރަށެކެވެ. ހަމަ އެފަދައިން ފުވައްމުލަކަށް ބަލާލާއިރު، އެއީ އެހެން ރަށްތަކާ ވަކިން އެކަހެރިކޮށް އޮތް ރަށަކަށް ވީނަމަވެސް، މިއަދު އެއީ ރާއްޖޭގެ އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް އިގްތިސާދެވެ. އެހެންކަމުން، ކުރިއެރުން ނުލިބެނީ ރަށް އޮތް ސަރަހައްދުގެ ސަބަބުންނޭ ބުނެވޭކަށް ނެތެވެ.
ދެންއޮތީ އާބާދި ކުޑަ ވުމުން ކަމަށް ބުނެވޭ ވާހަކައެވެ. އާބާދީ ބޮޑުވުމަކީ މުޖުތަމައުއެއްގެ މުއްސަނދިކަން ލިބޭނެ ސަބަބެއް ނޫނެވެ. މިސާލަކަށް އިންޑިއާ ފަދަ އާބާދީ ބޮޑެތި ގައުމުތަކަށް ބަލާއިރު، އާބާދީ ބޮޑުވުމަކުން އެންމެންގެ ދިރިއުޅުމުގެ ފެންވަރު މަތިވެފައެއް ނެތެވެ. ތަނަވަސްކަން ބިނާވަނީ އާބާދީގެ ބޮޑުމިނަކަށް ނޫނެވެ. އެއީ އޮތް އާބާދީއަކުން އުފެއްދުންތެރި މަސައްކަތެއް ކުރާ މިންވަރާއި، ފައިސާ ދައުރުކުރާ ގޮތުގެ މައްޗަށް ބިނާވާ ކަމެކެވެ.
ދެން އޮތީ ސަރުކާރުގެ އަޅާނުލާ، މާލޭ ސަރަހައްދަށް ކަންތައް ކޮއްދޭތީއޭ ބުނާ ވާހަކައެވެ. އަހަރެމެންގެ ތެރޭގައި އޮތް އެންމެ ނުރައްކާތެރި އެއް ވިސްނުމަކީ، ކޮންމެ ކަމެއް ސަރުކާރުން ކޮށްދޭންދެން މަޑުކުރުމެވެ. މި “އެންޓައިޓްލްމަންޓް” ނުވަތަ ހުރިހާ ކަމެއް ހިލޭ ލިބެންޖެހޭނެ ކަމަށް ދެކޭ ވިސްނުމަކީ ތަރައްޤީގެ ހުރަހެކެވެ. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ބަލާއިރުވެސް، ކީރިތި ޤުރުއާނުގެ ރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގައި ވަނީ: “ހަމަކަށަވަރުން، ބަޔަކު މީހުންގެ އަމިއްލަ ނަފްސުތަކުގައިވާ ކަންތައް އެބަޔަކު އަމިއްލައަށް ބަދަލުކޮށްފުމަށްދާންދެން، އެބަޔެއްގެ ހާލަތު ﷲ ބަދަލެއް ނުކުރައްވާނެތެވެ.” އެހެންކަމުން، ސަރުކާރަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، ރަށުގެ ކައުންސިލާއި ރައްޔިތުން ގުޅިގެން ރަށުގެ ތަރައްގީއަށް އަމިއްލައަށް މަސައްކަތް ފަށަންޖެހެއެވެ.
މިއީ ވަރަށް ސާފު މެސެޖެކެވެ. ތަރައްޤީ ފެށެނީ ރަށު ކައުންސިލާއި، ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުން އެކުވެގެން ކުރާ މަސައްކަތުންނެވެ. ސަރުކާރަކީ ހަމައެކަނި މަގުފަހިކޮށްދޭ ފަރާތެވެ. އިސްނަގަންޖެހޭނީ ރަށުގެ އަހުލުވެރިންނެވެ.
ކުމުންދޫގެ އިޤްތިޞާދު ކުރިއަށް ނުދާ ހަގީގީ ސަބަބަކީ، ރަށަށް ވަންނަ ފައިސާއަށްވުރެ ރަށުން ބޭރުވާ ފައިސާ ގިނަވުމެވެ. މިއީ ސާދާ ހިސާބެކެވެ. ރަށަކަށް ކިތަންމެ ގިނަ ފައިސާއެއް ވަނަސް، އެ ފައިސާ ރަށުގެ އެކަކު އަތުން އަނެކަކު އަތަށް ދައުރުވުމުގެ ބަދަލުގައި، ވަގުތުން ރަށުން ބޭރުވާނަމަ ރަށުގައި ތަނަވަސްކަމެއް ނުހުންނާނެއެވެ. މި “ލީކުތައް” ބައްދާލުމަކީ އިޤްތިޞާދު ދިރުވުމުގެ ފުރަތަމަ ފިޔަވަޅެވެ.
އެގޮތުން ރަށުގެ އިޤްތިޞާދުން ފައިސާ ބޭރުވާ މައިގަނޑު 3 ސަބަބެއްވެއެވެ. އެއީ:
1. ރަށުގެ ރައްޔިތުން ކަރަންޓު ބިލަށް ދައްކާ ފައިސާއަކީ ސީދާ ރަށުން ބޭރަށް ދާ ފައިސާއެވެ. މިއީ ވަރަށް ބޮޑު ލީކެކެވެ. މީގެ ހައްލަކީ އިއާދަކުރަނިވި ހަކަތައަށް (ސޯލާ އެނާޖީ) ރައީތުން ބަދަލުވުމެވެ. މީގެ އިތުރުން، ތެޔޮ އެންދުމުގެ ސަބަބުން ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑަކީ ދުނިޔެ ހޫނުވުމަށާއި ކަނޑުގެ ލޮނުގަނޑުގެ ލެވެލް މަތިވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ. މިއީ ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ރަށްތަކަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އެހެންކަމުން، ސޯލާ ހަކަތައަށް ބަދަލުވުމަކީ ހަމައެކަނި އިގްތިސާދީ ފައިދާއަކަށްވުރެ ބޮޑަށް، އަޅުގަނޑުމެންގެ ނާޒުކު ރަށްތައް ސަލާމަތްކުރުމަށްޓަކައިވެސް ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ. އެހެންކަމުން ކައުންސިލުން އިސްނަގައިގެން ގޭގޭގައި ސޯލާ ޕެނަލް ޖެހުމަށް ހިތްވަރުދީ، އެކަމަށް އެހީތެރިވެދީފިނަމަ، ކަރަންޓު ބިލަށް ރައްޔިތުންގެ އަތުން ބޭރުވާ ފައިސާ ރަށުގައި ބެހެއްޓޭނެއެވެ. އެ ފައިސާ ރަށުގެ ވިޔަފާރިތަކަށް ހޭދަކުރެވި، އިތުރު އިންވެސްޓްމަންޓްތަކަށް މަގުފަހިވާނެއެވެ.
2. ކުމުންދޫއަކީ ދަނޑުވެރި ރަށަކަށް ވެފައި، ރަށުން ބޭރުން ތަރުކާރީ ގެނައުމަކީ އަނެއް ސަބަބެވެ. ރަށުގައި ހެއްދޭނެ ކޮންމެ ތަރުކާރީއެއް ނުވަތަ މޭވާއެއް ބޭރުން ގެނައުމަކީ އިޤްތިޞާދީ ގޮތުން ކުރެވޭ ކުށެކެވެ. ކުމުންދޫގެ ދަނޑުވެރިންނާއި ފިހާރަ ހިންގާ ފަރާތްތަކާ ދެމެދު އިތުބާރުގެ ގުޅުމެއް އުފެދެންޖެހެއެވެ. ދަނޑުވެރިން އުފައްދާ ތަކެތި ރަށުގެ ފިހާރަތަކަށް ހޯލްސޭލް އަގުގައި ފޯރުކޮށްދީ، ފިހާރަތަކުން އެ ތަކެތި ރީޓެއިލްކޮށް ވިއްކުމުން، ރަށުން ބޭރުން އިމްޕޯޓު ކުރަން ނުޖެހި ކާބޯތަކެތީގެ ބާޒާރުގައި ދައުރުވާ ފައިސާ ރަށުން ބޭރަކަށް ނުދާނެއެވެ. މިއީ ރަށުގެ އުފެއްދުންތެރިކަން އިތުރުވެ، ދަނޑުވެރިންނަށް މުއްސަނދިކަން ލިބޭނެ މަގެކެވެ. ހަމަ އެބީދައިން އޭގެ އެހެން މިސާލަކަށް ބަލާލާނަމެވެ. ރަށުގެ ވިޔަފާރިވެރިން މިފްކޯއިން ނުވަތަ ކުޅުދުއްފުށިން ވަޅޯ މަސް ގެނެސްގެން ވިއްކުމަކީވެސް ހަމަ އެފަދަ އިގްތިސާދީ ލީކެކެވެ. މީގެ ބަދަލުގައި، ރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިން ވާހަކަދައްކައިގެން، ރަށުގައި މަސް ބަންދުކޮށް (Vacuum Pack)، ހޯލްސޭލް ރޭޓުގައި ރަށުގެ ފިހާރަތަކަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދަންޖެހެއެވެ. އޭރުން ވިޔަފާރިވެރިން މިގޮތަށް ރަށުން ބޭރުން އެތެރޭކުރަން ނުޖެހި ރަށުގެ އުފެއްދުން ތެރިކަމުގެ ސިނާއަތްތަކަށް ކުރިއެރުން ލިބި ރަށުން ފައިސާ ބޭރުވުމުގެ ލީކޭޖްއަށް ހައްލެއް ލިބިގެންދާނެއެވެ.
3. ރަށުގެ ސަރުކާރު އިދާރާތަކުން ޕްރޮކިއުމެންޓަށް ރަށުން ބޭރުގެ ވިޔަފާރިތަކުން ތަކެތިނެގުން މަދުކުރަންޖެހެއެވެ. މިސާލަކަށް ކައުންސިލްގެ އެވޯޑް ޝީޓްތަކަށް ބަލާއިރު، ކައުންސިލްގެ އިދާރީ ހިންގުމަށް ބޭނުންވާ ގިނަ ތަކެތި ގަންނަނީ ރަށުން ބޭރުގެ ވިޔަފާރިތަކުންނެވެ. މީގެ ސަބަބުން ކައުންސިލްގެ ބަޖެޓުން ރަށަށް ލިބެންޖެހޭ ފައިދާ ސީދާ ބޭރަށް ދަނީއެވެ. ކައުންސިލުން “ކުމުންދޫ ފަސްޓް” ޕްރޮކިއުމަންޓް ސިޔާސަތެއް ގެންގުޅެންޖެހެއެވެ. ރަށުގެ ވިޔަފާރިވެރިންނާ މަޝްވަރާކޮށް، އަގުހެޔޮކޮށް ރަށުން ތަކެތި ލިބޭނެ ގޮތް ހަމަޖެއްސުމުން “މަލްޓިޕްލަޔާ އިފެކްޓް” އުފެދޭނެއެވެ. އޭރުން ރަށުގެ ވިޔަފާރިތަކަށް ޑިމާންޑް ބޮޑުވެ، އިތުރު މުވައްޒަފުން ހޯދަންޖެހި، ވަޒީފާގެ ފުރުސަތު އިތުރުވެ، އެ މުވައްޒަފުންނަށް ލިބޭ މުސާރަ އަނެއްކާވެސް ރަށުގެ އެހެން ވިޔަފާރިއަކަށް ހޭދަކުރެވޭނެއެވެ. މިގޮތަށް އިގްތިސާދު ފުޅާވެގެންދާނެއެވެ.
އެންމެ ފަހުން، ރަށަށް އައު ފައިސާ ވަންނާނެ ވަޞީލަތްތަކަށް ބަލާލަމާ ހިނގާށެވެ. ކުމުންދޫގެ ގުދުރަތީ ރީތިކަމަކީ ބޮޑު ރައުސްމާލެކެވެ. ލޯކަލް ޓޫރިޒަމް ފުޅާކޮށް، ވޯޓަރ ސްޕޯޓްސް، ޑައިވް ސެންޓަރުތަކާއި ގެސްޓްހައުސްތައް އިތުރުކުރުމުން ރަށަށް ބޭރު ފައިސާ ވަންނަން ފަށާނެއެވެ. މީގެ ސަބަބުން ސީދާ ގޮތުން ވަޒީފާ ލިބުމުގެ އިތުރުން، ނުސީދާ ގޮތުން ރަށުގެ ހުރިހާ ރައީތުންނަށާ ވިޔަފާރިއަކަށް ދިރުން ލިބޭނެއެވެ.
ނިންމާލަމުން ދަންނަވާނީ، ކުމުންދޫގެ އިޤްތިޞާދީ މުސްތަޤުބަލު އޮތީ ބޭރުގެ އެހީއަކަށް ބަލަބަލާ ތިބުމަކު ނޫނެވެ. އެ މުސްތަޤުބަލުއޮތީ ރަށުގެ ވިޔަފާރިވެރިންނާއި، ކައުންސިލާއި، ރައްޔިތުން އެކުވެ، ރަށުގެ އުދެއްދުންތެރިކަން އިތުރުކުރަން ކުރާ ހިތްވަރުގަދަ މަސައްކަތެއްގެ މައްޗަށެވެ. ސަބަބަކީ ކުމުންދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވޭނީ، ރަށުން ބޭރަށްދާ ފައިސާ މަދުކޮށް، ރަށުގެ އުފެއްދުންތައް ބޭރަށް ފޮނުވައިގެން ލިބޭ އާމްދަނީ އިތުރުކޮށްގެންނެވެ. އެ ދުވަހުން، ކުމުންދޫގެ ކޮންމެ ގެއަކަށް އެ ބޭނުންވާ ދެމެހެއްޓެނިވި ތަނަވަސްކަން ވަންނަން ފަށާނެއެވެ.