KUMUNDHOONEXT

އެހެނިހެން ލިޔުން

ކުމުންދޫ ކައުންސިލްގެ އިންތިހާބީ މެންބަރުނަށް ވެދުން ސަލާމެވެ!

April 30, 2026

ކުމުންދޫ ކައުންސިލްގެ އިންތިހާބީ މެންބަރުނަށް ވެދުން ސަލާމެވެ!

ކުމުންދޫ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވެވަޑައިގަތުމަކީ މިއަދު ތިޔަ ބޭފުޅުންނަށް ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެކެވެ. ނަމަވެސް މި ޝަރަފަކީ ހަމައެކަނި އުފާފާޅުކުރުމަށް އޮތް އެއްޗެއް ނޫނެވެ. މިއީ މި ރަށުގެ މުސްތަޤްބަލު ބައްޓަންކުރުމުގެ ބޮޑު މަސްއޫލިއްޔަތު ތިޔަ ބޭފުޅުންގެ ކޮނޑުގައި އެޅުނު ވަގުތެވެ. ރައްޔިތުން ތިޔަ ބޭފުޅުންނަށް މި ފުރުޞަތު ދިނީ ރަށަށް ބޭނުންވާ ޙަޤީޤީ ތަރައްޤީ ގެނެސްދޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. މަޑުޖެހިފައިވާ މަޝްރޫޢުތައް ކުރިއަށް ގެންގޮސް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަކީ ތިޔަ ބޭފުޅުންނަށް މިއަދު އޮތް އެންމެ ބޮޑު މައްސޫލިއްޔަތެވެ.

ތިޔަ ބޭފުޅުން ހަނދުމަފުޅު ބަހައްޓަވަންވީ ކަމަކީ، އިންތިޚާބުވުމަކީ ތިޔަބޭފުޅުންގެ މަސައްކަތުގެ ނިމުމެއް ނޫން ކަމެވެ. އެއީ މަސައްކަތުގެ ފެށުމެވެ. ތިޔަ ބޭފުޅުންނަށް ‘A’ ރިޕޯޓެއް ލިބޭނީ ހަމައެކަނި ނަތީޖާ ދައްކައިގެންނެވެ. އަޅުގަނޑުމެން ތިބޭނީ ތިޔަ ބޭފުޅުންގެ ކޮންމެ ފިޔަވަޅަކަށް ފާރަވެރިވެގެންނެވެ. ކައުންސިލްގެ ކޮންމެ ނިންމުމެއް، ހިންގާ ކޮންމެ މަޝްރޫޢެއް، އަދި ބޭނުންކުރާ ކޮންމެ ލާރިއަކަށް އަޅުގަނޑުމެން ފާރަވެރިވާނަމެވެ. ތިޔަ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލުވެ، ރައްޔިތުންގެ ޙައްޤުތަކަށް އިހުމާލުވާނަމަ، އެ ވާހަކަ ދައްކާކަށް އަޅުގަނޑުމެން ފަހަކަށް ނުޖެހޭނަމެވެ. އިހުމާލުވާ ކޮންމެ ދަނޑިވަޅެއްގައި، އެ ނާޤާބިލުކަން ފާޅުކޮށް ރައްޔިތުންގެ ކުރިމައްޗަށް ތިލަކުރާނަމެވެ.
މި ދައުރަކީ ތިޔަ ބޭފުޅުން ހިތުހުރި ގޮތަކަށް އުޅެފައި ނިންމާލެވޭނެ ދައުރެއް ކަމަށް ހީނުކުރައްވައްޗެވެ. ދެވަނަ ދައުރަކަށް އިންތިޚާބުވާން ބޭނުންނަމަ، މިހާރުން ފެށިގެން މަސައްކަތް ފައްޓަވައި، ނަތީޖާ ދައްކަވާށެވެ. ރައްޔިތުންގެ ރުހުން ލިބޭނީ ވައުދުތައް ފުއްދައިގެންނެވެ. އަޅުގަނޑުމެންނަކީ ތިޔަ ބޭފުޅުން ޒިންމާދާރުކުރުވުމުގައި ފޫހިވާނެ ބައެއް ނޫނެވެ. ރަށުގެ ލާބަޔާއި މަންފާއަށްޓަކައި ކުރަންޖެހޭ ކޮންމެ ސުވާލެއް ކުރާނަމެވެ. އަދި އެ މަސައްކަތުގައި އަޅުގަނޑުމެން ދުވަހަކުވެސް ވަރުބައްޔެއް ނުވާނަމެވެ.

ކާމިޔާބު މަންދޫބަކަށް ވުމަށްޓަކައި ސިޔާސީ ފިކުރަށްވުރެ ރަށުގެ މަސްލަހަތު ކުރިއަށް ނެރުއްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އޮފީސް ތެރޭގައި ބަންދުވެފައި ކޮންމެ މަހަކު ރައީތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިބުމުގެ ބަދަލުގައި، ރައްޔިތުންގެ ގާތަށް ވަޑައިގެން އަޑުއައްސަވާ މަސައްކަތް ފައްޓަވާށެވެ. ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން މަސައްކަތް ކުރުމަކީ ރަށުގެ އިޖުތިމާޢީ ދިރުމަށް އޮތް އެންމެ ބޮޑު ބާރެވެ. ހުރިހާ ކަމެއްގައިވެސް ދެފުށް ފެންނަ އުސޫލެއް ގެންގުޅުއްވައި، ކޮރަޕްޝަނާއި ވަކިފަރާތަކަށް ޖެހުމުން އެއްކިބާވެވަޑައިގަންނަވާށެވެ. ކުމުންދޫގެ ރައްޔިތުން މިތިބީ ތިޔަ ބޭފުޅުންނަށް ފުރުޞަތު ދީގެން ބަލާށެވެ. އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ނޫންނަމަ، ތާރީޚު ތިޔަ ބޭފުޅުން ސިފަކުރާނީ ރަށުގެ ތަރައްޤީއަށް އޮތް ހުރަހެއްގެ ގޮތުގައެވެ.

އަދިވެސް އެއްފަހަރު، ޓީމް “ކުމުންދޫ ނެކްސްޓް” ގެ ފަރާތުން ތިޔަ ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވަމެވެ.