KUMUNDHOONEXT

އެހެނިހެން ލިޔުން

“Kumundhoo Next” މިއަކީ ކޮންބައެއް؟

May 3, 2026

މި ފަހަކަށް އައިސް ކުމުންދޫގެ ރައީތުންގު ސޯޝަލް މީޑިއާގައި ފީޑްގައި މި ފެންނަ “ކުމުންދޫ ނެކްސްޓް” (Kumundhoo Next) ނަމުގައި ހިންގާ މި ޕޭޖަކީ ކާކު ހިންގާ ޕޭޖެއްތޯ މިހާރު ތިޔަ ބޭފުޅުންގެ ހިތުގައި ސުވާލު އުފެދޭނެ ކަމާ މެދު ޝައްކެއް ނެތެވެ. މި ޕޭޖްގެ ވެބްސައިޓާއި ޕޭޖުގެ ފަހަތުގައި ހުރީ ކާކުތޯ ހިތަށް އަރާނެއެވެ. ސައްކެއްނެތެވެ، ކުމުންދޫ ނެކްސްޓްގެ ވެބްސައިޓް ލޯންޗުކޮށް، ރަށުގެ ތަރައްޤީއާ އިޖްތިމާއީ ކަންކަމާ ގުޅޭ ލިޔުންތަކާއި، ރަށުގެ މުސްތަޤުބަލާ ގުޅޭ ތަފާތު ތަޞައްވުރުތައް ހިއްސާކުރަން ފެށުމުން މި ސުވާލު އުފެދޭނެއެވެ.

ޚާއްޞަކޮށް، އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން ކުމުންދޫގެ މަގުތައް ތަރައްޤީވެފައި އޮންނާނެ ގޮތުގެ ތަޞައްވުރު ދައްކުވައިދޭ ފޮޓޮއެއް ޕޭޖްގައި ހިއްސާކުރުމުން، އެންމެ 24 ގަޑިއިރު ތެރޭގައި 2000 އަށްވުރެ ގިނަ މީހުން ވަނީ އެ ފޮޓޯތަކަށް ކްލިކްކޮށް ބަލާފައެވެ. އެންމެ 12 ފޮލޯވަރުން ތިބި ޕޭޖަކުން މިހާ ގިނަ ވިއުސް ލިބުމަކީ، އެ ޕޯސްޓުގެ ހިއްސާކުރި އެ ތަޞައްވުރު ކުމުންދޫގެ ކޮންމެ ގޭބިސީއެއްގައި އުޅޭ ކޮންމެވެސް ރައީތަކާ ހަމައަށް ފޯރައިފިކަމުގެ ހެއްކެކެވެ. މިއާއެކު، މިއީ ސިޔާސީ މަޤްޞަދެއްގައި ސިޔާސީ މީހަކު ކުރާ ކަމެއްތޯ ނުވަތަ އެކަކު ތޯ ނުވަތަ ބަޔަކު ތޯ އަދި މިއީ ކޮން މަޤްސަދެއްގަ ކުރާކަމެއްތޯ ބެލުމަށް ގިނަ ބަޔަކު ޝައުޤުވެރިވާނެއެވެ.

ދަންނަވަން ތޯއެވެ؟ މީއީ އެންމެ މީހެއް ނޫނެވެ. މިއީ ކުމުންދޫއަށް އުފަން، ކުމުންދޫއަށް ކޮންމެވެސް ކުރިއެރުންތަކެއް ހޯދައިދިނުމަށް އަތުކުރި އޮޅާލައިގެން ތިބި ޒުވާން ޓީމެކެވެ. މީގެ ތެރޭގައި ކޮންޓެންޓް ކްރިއޭޓަރުންނާއި، ލިޔުންތެރިންނާއި، އަދި ވެބްސައިޓް ޑިވެލޮޕާރ އެއް ހިމެނެއެވެ. މިއީ އެންމެ މީހެއްގެ މަސައްކަތެއް ނޫނެވެ. މިއީ ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށް ނުކުމެ ތިބި ބައެއްވެސް ނޫނެވެ. މިއަކީ ކުމުންދޫގެ މުސްތަޤުބަލަށްޓަކައި، އަމިއްލަ އިސްނެގުމުގެ މަތިން މަސައްކަތްކުރާ ޒުވާން ޓީމެކެވެ.

މި ޓީމުގެ މެންބަރުންނަކީ މިވަގުތު ރަށުން ބޭރުގައި، އެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކޮށްގެން އުޅޭ ޒުވާނުންތަކެއް ނަމަވެސް މިޓީމުގެ މެންބަރުން ޤަބޫލުކުރާ ގޮތުގައި ލިބިފައިވާ ތަޢުލީމާއި، ހުނަރާއި، އަދި ތަޖުރިބާއަކީ ކުމުންދޫގެ ތަރައްޤީއަށްޓަކައި ބޭނުންކުރަންޖެހޭނެ އަމާނާތެކެވެ. ރަށުގައި ދިރިނޫޅުނު ކަމުގައިވީނަމަވެސް، ކުމުންދޫގެ މުޖުތަމަޢަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އޮތްކަން މިޓީމުގެ މެމްބަރުން ދެނެގަތީމެވެ.

މި މަސައްކަތް ފެށި ސަބަބު
މި މަސައްކަތް ފެށުމުގެ ކުރިން އަހަރެމެންގެ ޓީމުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނާއި، މަތީ ފަންތީގެ ސިޔާސީ ބޭފުޅުންނާ ބައްދަލުކޮށް، ކުމުންދޫގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެ ބޭފުޅުންގެ ވާހަކަތަކުން އަހަރެމެންނަށް އެނގުނީ ކުމުންދޫއަކީ އިންތިހާއަށް ފުރުޞަތުތައް ހުރި ރަށެއް ނަމަވެސް، އެ ފުރުޞަތުތަކުގެ މަޢުލޫމާތު އެދެވޭ ގޮތެއްގައި އާންމުންނަށް ފޯރާފައި ނުވާކަމެވެ. އެހެން ރަށްރަށުގެ ތަރައްޤީގެ ދުވެލި ފެނިފައި، އަހަރެމެންގެ ރަށަށް މި ބަދަލު ގެނައުމަށްޓަކައި ވަކާލާތުކުރާނެ މަންސައެއް (Platform) ބޭނުންވާކަން އަހަރެމެންނަށް އިޙްސާސްވިއެވެ. އެހެންކަމުން ދެކެވުނު އެކި ވާހަކަތަކުގެ ތެރެއިން “ކުމުންދޫ ނެކްޓް” ގެ ނަމުގައި ޕޭޖްއެއް ހަދައި މި މަސައްކަތް ފެށީއެވެ.

“Kumundhoo Next” މި ނަމުގެ މާނައަކީ ކޮބާ؟
މި ނަމަކީ އަހަރެމެންގެ މިޝަން ރަމްޒުކޮށްދޭ ނަމެކެވެ. އެގޮތުން މި ނަމުގެ “NEXT” ގެ ކޮންމެ އަކުރެއް އަހަރުމެންގެ މި މަސައްކަތް ފެށި ސަބަބާ އަދި ހާސިލް ކުރަންބޭނުންވާ ލަނޑުދަނޑި ބުނެދެއެވެ. މި ނަމުގެ އަކުރުތަކުން ބުނެދޭ މާނައަކީ
– Nature (N) – ރަށުގެ ޤުދުރަތީ ރީތިކަން
– Economy (E) – ރަށުގެ އިޤްތިޞާދު
– X – Factor (X) – ކެޓަލިސްޓެއް ނުވަތަ އިނޮވޭޝަން
– Tourism (T) – ރަށުގެ ފަތުރުވެރިކަން

އަހަރެމެންގެ ތަޞައްވުރާއި މިޝަން
ތަޞައްވުރު Vision
“އިޤްތިޞާދީ ހަމަޖެހުމާއި އަމިއްލަ ފުދުންތެރިކަމުގެ ތެރެއިން، ފަގީރުކަން ނެތް، ދެމެހެއްޓެނިވި ދިރިއުޅުމެއް ކުމުންދޫގެ ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުން”

މިޝަން Mission
“ތިމާވެއްޓަށް ގެއްލުން ކުޑަ، ޒަމާނީ ބިނާވެށި ތަރައްޤީކުރުމަށް ބާރުއަޅައި، ކުމުންދޫއަކީ އާބަން ތަރައްޤީގެ ނަމޫނާ ރަށަކަށް ހެދުމަށް މަސައްކަތްކުރުން.”

އަހަރެމެންގެ މިޝަންގެ ތެރެއިން، އަހަރުމެންގެ އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ރާއްޖޭގައި 50 އަހަރަށްވުރެން ގިނަދުވަސްވީ ޓޫރިޒަމްގެ އެއްވެސް މަންފާއެއް ކުމުންދޫގެ ރައީތުނަށް ކޮއްފައި ނުވާތީ އޭގެ ނަފާ ހޯދައި ދިނުމަށް ކުރެވެންހުރި ކޮންމެ މަސައްކަތް ކުރުމެވެ. އެގޮތުން މިހާރު “ކުމުންދޫ ނެކްޓް” ގެ ވެބްސައިޓަށް ވަނީ “Explore Kumundhoo” ގެ ނަމުގައި މުޅިން އާ ސޮފުހާއެއް އިތުރުކުރެވިފައެވެ. މީގެ މައިގަނޑު ބޭނުމަކީ ހދ. އަތޮޅުގެ އެންމެ ފާހަގަކޮށްލެވޭ ފަތުރުވެރި މަންޒިލަކަށް ކުމުންދޫ ހެދުމެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ކޮންމެ މީހަކަށްވެސް ކުމުންދޫގެ ރީތި ތަންތަން 3D View ކޮށް ބަލާލެވޭނެއެވެ. އޭގެ ތެރޭގައި:

• 100 އަހަރުވީ އާސާރީ “އީދު މިސްކިތް”
• “ސަންސެޓް ބީޗް” އަދި “ކިނާރާ ފަންނު” ފަދަ ހިތްގައިމު ގޮނޑުދޮށްތައް
• “ވެހިސަރަ” ނޭޗަރ ޕާކް ފަދަ ޤުދުރަތީ ރީތި ތަންތަން ބަލާލެވޭނެގޮތް ވަނީ މިހާރު ހެދިފައެވެ.

މީގެ އިތުރުން، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް، އޭގެތެރޭގައި ހިމެނޭ ގެސްޓްހައުސްތަކާއި، ހޯމްސްޓޭ، ޓެކްސީ އަދި ދަތުރުފަތުރުގެ ޚިދުމަތްތަކުގެ މަޢުލޫމާތު ވެބްސައިޓުގެ “Explore Kumundhoo” ޓެބްއިން އެއްތަނަކުން ލިބޭނެއެވެ. އަދި އަހަރެމެންގެ “ޖާނަލް” މެދުވެރިކޮށް، ރަށުގެ ލޯކަލް ޓޫރިޒަމާ ގުޅޭ އެންމެ ފަހުގެ ޚަބަރުތަކުގެ އަދާހަމަ ގެނެސްދޭނެއެވެ. މި ހުރިހާ ކަމެއް ފަސޭހަކަމާއެކު ބޭނުންކުރުމަށްޓަކައި “Kumundhoo Next” އެޕްލިކޭޝަންގެ އެންޑްރޮއިޑް އަދި iOS ވާޝަން ޑައުންލޯޑް ކުރެވޭނެގޮތްވެސް މިހާރުވަނީ ހެދިފައެވެ. އަދި މި މަސައްކަތް އިތުރަށް ފުޅާކޮށް ކުމުންދޫއަށް ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ގެނައުމަށްޓަކައި އަމިއްލަ އިސްނެގުމުގެ މަތިން މިހާރު މިވަނީ ފަށާފައެވެ.

އަހަރެމެންގެ އުންމީދަކީ ރަށުގެ އިދާރާތަކާއި، ކައުންސިލާއި، އަދި ހުރިހާ ރައްޔިތުންނާ ގުޅިގެން ކުމުންދޫއަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމެވެ. އަހަރެމެން މިއީ އެއްވެސް ނުފޫޒެއް ނެތް، ހަމައެކަނި ރަށުގެ ކުރިއެރުމަށް އެދޭ ޒުވާނުންތަކެކެވެ.

މި މަސައްކަތުގައި އަހަރެމެންނަށް ބޭނުންވަނީ ތިޔަބޭފުޅުންގެ އެހީތެރިކަމެވެ. އަހަރެމެންގެ ޕޭޖަށް ފޮލޯކޮށް، ލިޔުންތައް ޝެއަރ ކޮށްދެއްވުމަކީ އަހަރެމެންގެ މި ތަޞައްވުރު ގިނަބަޔަކަށް އިޝްތިހާރުކުރުމަށް ލިބޭނެ އެންމެ ބޮޑު ބާރެވެ. ކުމުންދޫގެ ކުރިއެރުމުގެ މުޅިން އައު މަރުހަލާއަކަށް އަހަރެމެންނާއެކު ބައިވެރިވެވަޑައިގަންނަވާށެވެ.