KUMUNDHOONEXT

އެހެނިހެން ލިޔުން

ތަރައްޤީއަކީ ރަށުގެ ވަށައިގެން ބަނދަރު ހެދުންބާ؟

June 11, 2026

ބޯޓުފަހަރު ކައިރިކުރާނެ ކޮންކްރީޓް ފާރަކާއި، ފުންކޮށްފައި އޮންނަ ފަޅެއް ރަށުގެ ވަށައިގެން ހެދުމަކީ ހަމަ ހަގީގަތުގައިވެސް ރަށަކަށް އަންނާނެ އެންމެ ފައިދާހުރި ތަރައްޤީ ބާވައެވެ؟ އާ ބަނދަރެއްގެ ބޮޑު މަޝްރޫޢަކަށް ދައުލަތުގެ ބަޖެޓުން މިލިއަނުން ޚަރަދުކުރުމުގެ ކުރިން، މިއީ މި ވަގުތު ރަށުގެ މުސްތަގުބަލަށް އެންމެ ބޭނުންތެރި އިސްކަންދިނުންތޯ އަޅުގަނޑުމެން ފުންކޮށް ވިސްނާލަން އެބަޖެހެއެވެ. ޚާއްޞަކޮށް، ރަށުގައި މިހާރުވެސް ބަނދަރެއް އޮއްވައި، އޭގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފި، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ނުހޯދައި، އާ ބަނދަރެއް ހެދުމުން ލިބޭނެ ހަގީގީ ނަފާއަކީ ކޮބައިތޯ ސުވާލު އުފެދެއެވެ. ސަބަބަކީ އައު މަޝްރޫޢަކަށް ދިއުމުގެ ކުރިން މިހާރު ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަކީ މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން މާ ބުއްދިވެރި ގޮތަކަށް ވެދާނެއެވެ.

މިހާރު އޮތް ބަނދަރުގެ ނިޒާމު ބަލިކަށިވެ، މޫސުމީ ބަދަލުތަކާއެކު އޮއިގަދަވުމާއި، ގިރުމާއި، އަދި ބަނދަރުގެ އެތެރެއަށް ރާޅުބާނި ވަނުމުގެ މައްސަލަ ބޮޑުވެފައިވާއިރު، އެ މައްސަލަ ފަންނީ ގޮތެއްގައި ދިރާސާކޮށް މަރާމާތު ކުރުމުގެ ބަދަލުގައި މުޅިން އާ ބަނދަރެއް ހެދުމުން ކުރިމަތިވެދާނެ ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ސަބަބުން ރަށުގެ ދިރުންހުރި ފަރުތަކާއި، ގޮނޑުދޮށުގެ ގުދުރަތީ އޮއިވަރަށް އިއާދަނުކުރެވޭނެ ފަދަ ބަދަލުތަކެއް އައިސް ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ. ހަމައެއާއެކު، މިހާރު އޮތް ބަނދަރުގެ އޮއިގަދަވާ މައްސަލަ އިންޖިނިއަރިންގް ގޮތުން ހައްލުކުރަން ކުރަންޖެހޭ ޚަރަދަށްވުރެ، މުޅިން އާ މަޝްރޫޢަކަށް ހިނގާ ޚަރަދު އެތައް ގުނައެއް ބޮޑުވުމުން ދައުލަތުގެ ބަޖެޓަށް ނުހަނު ބޮޑު ބުރައެއް އުފުލަންޖެހެއެވެ. ބައެއް ފަހަރު މިފަދަ ބޮޑެތި މަޝްރޫޢުތަކަކީ ބޮޑު ޚަރަދެއް ކޮށްފައި ބޭނުމެއް ނުހިފޭ ކަންކަމަށް ވުމުގެ ފުރުޞަތު އޮވެއެވެ. އެހެންކަމުން، ހަގީގީ ބޭނުމަކީ ބަނދަރުގެ މައްސަލަ ހައްލުކުރުން ކަމުގައިވާނަމަ، މިހާރު އޮތް ބަނދަރުގެ މައްސަލަތައް ރަނގަޅުކޮށް، އަޕްގްރޭޑް ކުރުން މާ ދެމެހެއްޓެނިވި ގޮތަކަށް ވެދާނެއެވެ.

އާ ބަނދަރަކާއެކު ރަށުގެ އިގްތިސާދު މުޅިން ބަދަލުވެގެންދާނެ ކަމަށް ހީވިޔަސް، މިއީ އިގްތިސާދީ ނަޒަރަކުން އެހާ ސާދާ ކަމެއް ނޫނެވެ. ރާއްޖޭގެ ރަށްރަށުގައި ހަދާ ބަނދަރުތަކަކީ ސީދާ ގޮތެއްގައި ރަށަށް ނުވަތަ ކައުންސިލަށް އާމްދަނީ އިތުރުކޮށްދޭ ރެވެނިއު ސެންޓަރުތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، ލައިޓު ހަރުކުރުމާއި، މަރާމާތުކުރަން ބޮޑު ޚަރަދެއް ހިނގާ ކޮސްޓް ސެންޓަރުތަކެކެވެ. އާ ބަނދަރެއް ހެދުމުން އިޖުތިމާއީ ގޮތުން ކޮންމެވެސް ވަރެއްގެ ލުޔެއް، އެބަހީ އޮޑިދޯނިފަހަރު އެޅުމުގެ ފަސޭހަކަން ލިބުނު ކަމުގައި ވިޔަސް، އެއިން ސީދާ ގޮތެއްގައި އުފެއްދުންތެރި އިގްސާދީ ކުރިއެރުމެއް ނާދެއެވެ. ބަނދަރުގެ ބޭނުން ހިފައިގެން ރަށުގައި އާ ސިނާޢަތްތަކެއް ނުއުފެއްދޭނަމަ، ނުވަތަ ވިޔަފާރީގެ އާ ދޮރުތަކެއް ހުޅުވިގެން ނުދާނަމަ، އެއީ ހަމައެކަނި ހިނގާ ބޮޑު ޚަރަދަކަށް ވެގެންދެއެވެ.

ތަރައްޤީއަކީ ކޮންކްރީޓް ބިނާތަކެއް ނޫންކަން ދުނިޔޭގެ ބޮޑެތި ޖަމްޢިއްޔާތަކުގެ މާނަކުރުންތަކުން ވަރަށް ސާފުކޮށް އެނގެއެވެ. އދ. ގެ ތަރައްޤީއާ ބެހޭ ޖަމްޢިއްޔާ (UNDP) އިން ބުނާ ގޮތުގައި އިންސާނީ ތަރައްޤީއަކީ ހަމައެކަނި އިގްތިސާދީ ކުރިއެރުމެއް ނޫނެވެ. އެއީ އިންސާނާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އޭނާއަށް ލިބިފައިވާ ފުރުޞަތުތަކާއި އިޚްތިޔާރުތައް ފުޅާކުރުމެވެ. ހަމައެހެންމެ، ދުނިޔޭގެ ބޭންކް (World Bank) އިން ތަރައްޤީ މާނަކުރަނީ ފަގީރުކަން ނައްތާލައި، އެންމެންގެ މެދުގައި ތަނަވަސްކަން ހަމަހަމައަށް ބެހިގެންދާ ފަދަ، ދެމެހެއްޓެނިވި އިގްތިސާދީ ހަމަޖެހުމެއް ގާއިމުވުމަށެވެ. މި މާނަކުރުންތަކަށް ބަލާއިރު، ރަށެއްގައި ހަގީގީ ތަރައްޤީއަކީ ރަށުގެ ރައްޔިތުންގެ ސިއްހީ ނިޒާމާއި، ތަޢުލީމީ ފެންވަރާއި، އާމްދަނީ ހޯދާނެ ވަސީލަތްތައް ތަރައްޤީވުމެވެ.

ދުނިޔޭގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، ދިރާސާއެއް ނެތް ކޮންކްރީޓް މަޝްރޫޢުތަކުގެ ސަބަބުން ގައުމުތަކަށް ބޮޑެތި މާލީ ގޮންޖެހުންތަކާ ކުރިމަތިވެފައިވާ މިސާލުތައް އެބަހުއްޓެވެ. މިގޮތުން ސްރީލަންކާގެ ހަންބަންޓޮޓާ ބަނދަރުގެ މަޝްރޫޢަކީ އިގްތިސާދީ ބޭނުންތެރިކަމަށްވުރެ ބޮޑަށް އުމްރާނީ ބިނާއަކަށް އިސްކަންދިނުމުން ދަރަނި ނުދެއްކިގެން، އެ ބަނދަރު ބޭރު ގައުމަކަށް 99 އަހަރަށް ކުއްޔަށް ދޭންޖެހުނު މިސާލެކެވެ. ގްރީސްއިން 2004 ވަނަ އަހަރުގެ އޮލިމްޕިކްސްއާ ދިމާކޮށް ހެދި ބޮޑެތި ކޮންކްރީޓް ސްޓޭޑިއަމްތައް ފަހުން ބޭނުން ނުކުރެވި ވީރާނާވެ، އެ ގައުމު ބޮޑު އިގްތިސާދީ ކާރިސާއަކަށް ވެއްޓުނެވެ. މިއާ ޚިލާފަށް ސިންގަޕޫރުން ކޮންކްރީޓް ބިނާތަކުގެ ކުރިން އިންސާނީ ވަސީލަތްތަކާއި ތަޢުލީމީ ނިޒާމު ތަރައްޤީކުރުމުގެ ސަބަބުން، ގުދުރަތީ ވަސީލަތެއް ނެތް ނަމަވެސް ދުނިޔޭގެ އެންމެ މުއްސަނދި، ދެމެހެއްޓެނިވި އިގްތިސާދަކަށް ވެގެންދިޔައެވެ. ސިންގަޕޫރުން ދަސްކޮށްދިން ފިލާވަޅަކީ، ޤައުމެއް ހަގީގަތުގައި ކުރިއަރައިދާނީ ރައްޔިތުންގެ ވިސްނުމާއި، ހުނަރާއި، އިންސާނީ ވަސީލަތް ތަރައްޤީކޮށްގެން ކަމެވެ.

އަޅުގަނޑުމެން ވިސްނުން ބަދަލުކުރަން އެބަޖެހެއެވެ. ހަގީގީ ތަރައްޤީއަކީ ރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވުމެވެ. އެއީ ހަމައެކަނި ވަގުތީ ގޮތުން ލިބޭ އިގްތިސާދީ ކުރިއެރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ރަށުގެ އާއިލާތަކަށް ކޮންމެ މަހަކުވެސް ދާއިމީކޮށް، އިތުބާރު ހުރި ގޮތެއްގައި އާމްދަނީ ލިބޭނެ މަގުތައް ހުރެ، ތަކެތީގެ އަގުތަކާއި ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅުޖެއްސޭނެ އިގްތިސާދީ ހަމަޖެހުމެއް ގާއިމުވުމެވެ. އަދި މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް، ނުވަތަ ރަށުގެ ޒުވާނުންނަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ފަށައިގެން، ސިޔާސީ ނުވަތަ ވަގުތީ ނުފޫޒުތަކުން އެއްކިބާވެ، މާލީ ގޮތުން މިނިވަން ބަޔަކަށް ވުމެވެ. ރަށެއްގެ ހަގީގީ މުއްސަނދިކަމަކީ އެ ރަށެއްގައި ތިބި ހުނަރުވެރި، އުފެއްދުންތެރި މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނެވެ. ރަށުގެ ވަށައިގެން ކޮންމެ ފަރާތެއްގައި ބަނދަރެއް އޮތަސް، އެ ބަނދަރުން ބޭރުކުރާނެ އަމިއްލަ އުފެއްދުމެއް، ނުވަތަ އެ ބަނދަރު ބޭނުންކޮށްގެން ރަށަށް ބޭރު ފައިސާ ވައްދާނެ ސިނާޢަތެއް ތަރައްޤީ ނުކުރެވޭނަމަ، އެ ބަނދަރަކީ ހަމައެކަނި ފެންނަން އޮތް ހުސް ކޮންކްރީޓްގަނޑެކެވެ. ކުމުންދޫގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެން ބޭނުންވަނީ އިސްރާފު ބޮޑުވެދާނެ އާ މަޝްރޫޢުތަކެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުންވަނީ މިހާރު ހުރި ވަސީލަތްތަކުގެ މައްސަލަ ހައްލުކޮށް، ރަށުގެ އިންސާނީ ވަސީލަތްތައް ކުރިއަރުވައި، މުޅި މުޖުތަމަޢަށް މާލީ އަދި އިގްތިސާދީ މިނިވަންކަން ހޯދައިދޭނެ ހަގީގީ ތަރައްޤީއެވެ.