ކުމުންދޫގެ ތަރައްޤީގެ ދަތުރުގައި އުންމީދީ އާ ފިޔަވަޅެއް އެޅި، ރަށުގެ މައި މަގުތައް ހެދުމުގެ އަމަލީ މަސައްކަތަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް ފެށުމަށް މިވަނީ ތައްޔާރުވެފައެވެ. ކުމުންދޫ ކައުންސިލްގެ ވައިބަރ ކޮމިއުނިޓީ ގްރޫޕުގައި ރައްޔިތުންގެ ސަމާލުކަމަށް ދީފައިވާ މަޢުލޫމާތަށް ބަލާއިރު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) ގެ ފަރާތުން މި އޭޕްރީލް މަހުގެ 26 އަދި 27 މި ދެ ދުވަހު ރަށުގެ މަގުތަކުގެ ސާވޭ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ. މި ސާވޭގެ ތެރެއިން ރަށުގެ މަތިން ޑްރޯން ބޭނުންކޮށްގެން މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާތީ، އެކަމަށް ހުރިހާ ރައްޔިތުންވެސް ސަމާލުވެ ތިބުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސިސްއިން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، 10 ނޮވެމްބަރު 2025 ގައި އާރް.ޑީ.ސީ އާ ހަވާލުކުރެވިފައިވާ މަޝްރޫޢެކެވެ.
ކުމުންދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އުންމީދަކީ މި މަޝްރޫޢުގެ މަސައްކަތްތައް ވީހާވެސް ބާރުދުވެލީގައި ކުރިއަށް ގޮސް، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ މަގުތަކެއް ފެނިގެންދިއުމެވެ. މިއީ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ހާލަތު ބަދަލުކޮށްލާނެ މުހިންމު މަސައްކަތެކެވެ.
ކުމުންދޫގެ މަގުތަކުގެ ހާލަތަކީ މިއަދު ރައްޔިތުންނަށް އޮތް ބޮޑު މައްސަލައެކެވެ. ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވުމާއި، ހިކި ދުވަސްވަރު އިންތިހާއަށް ހިރަފުސް ބުރުވުމަކީ އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމެކެވެ. މިފަދަ ދިގުލައިގޮސްފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބުމަކީ މިއަދު ކުމުންދޫގެ ކޮންމެ ރައްޔިތަކުވެސް ކުރާ އުންމީދެކެވެ.
މަގުތައް ތަރައްޤީވެގެން އަންނައިރު، ރަށުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި މަގުތަކުގައި ގަސް އިންދައި، “ފެހި މަގުތަކެއްގެ” ގޮތުގައި ތަރައްޤީ ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މަގުތަކުގައި ހިޔާލިބޭ ގަސްތައް ހުރުމުން ރަށުގެ މާހައުލު ފިނިވެ، ހިތްފަސޭހަވެގެން ދާނެއެވެ. އަޅުގަނޑުމެންގެ އުންމީދަކީ މި މަޝްރޫޢު ނިމިގެންދާއިރު، ކުމުންދޫގެ މަގުތަކަކީ ފެންބޮޑުވުމުގެ މައްސަލަ ހައްލުވެފައިވާ، ހިތްގައިމު އަދި ފެހިކަން ގަދަ މަގުތަކަކަށް ވެގެންދިއުމެވެ.