މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވާލި ފުރުޞަތުގައި ހދ. ކުމުންދޫއިން ހުށަހެޅި ޕްރޮޕޯސަލް ވަނީ ރާއްޖޭގެ އެންމެ މަތިން މާކްސް ލިބުނު ގަދަ 10 ޕްރޮޕޯސަލްގެ ތެރޭގައި ހިމެނިފައެވެ. މިއީ ރަށުގެ އިޤްތިޞާދީ ދުވެލި ބަދަލުކޮށްލުމަށް ލިބުނު މުހިންމު ފުރުޞަތަކަށް ވާއިރު، ފާހަގަކޮށްލެވޭ ގޮތުގައި މުޅި ހދ. އަތޮޅުން މި ގްރާންޓަށް ހޮވުނު ހަމައެކަނި ރަށަކީވެސް ކުމުންދޫއެވެ.
ކުމުންދޫގެ އިތުރުން މި ފުރުޞަތުގައި ހޮވިފައިވާ އެހެން ރަށްތަކަކީ ހއ. މޮޅަދޫ، ނ. ލަންދޫ، ކ. ހުރާ، އދ. އޮމަދޫ، މ. ކޮޅުފުށި، ތ. ކިނބިދޫ، ލ. ގަން، ގއ. ކޮނޑޭ އަދި ގދ. ފިޔޮރީ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން މި ރަށްތައް ހޮވާފައިވަނީ ތިމާވެށީގެ އުޞޫލުތަކަށް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްޤީކުރުމަށް ހުށަހެޅި ޕްލޭންތަކުގެ ފެންވަރަށް ރިޢާޔަތްކުރުމަށްފަހުއެވެ.
މިފަދަ މަޝްރޫޢެއްގެ ބޭނުންތެރިކަން ކުމުންދޫއަށް މިވަގުތު ބޮޑުވެފައިވަނީ، މީގެ ކުރިން ރަށުގެ ކުޅީގައި ތަރައްޤީކުރި “ނޭޗަރ ޕާކު” ގަސްތުގައި ރޯކޮށްލި އަލިފާނުގެ ހާދިސާއެއްގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާތީއެވެ. 2021 ވަނަ އަހަރު ހިނގި އެ ހިތާމަވެރި އަމަލުގެ ސަބަބުން، ރަށުގެ ރައްޔިތުންގެ ބުރަ މަސައްކަތުން ތަރައްޤީކުރި ވޯކްވޭއާއި ޕްލެޓްފޯމްތައް އަނދައި ހުލިވެ، ރަށުގެ ކުރިއެރުމަށް ބޮޑު ހުރަހެއް އެޅުނެވެ. މިފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ރަށުގެ މުސްތަޤުބަލަށް ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. އެހެންކަމުން، ރަށަށް އަންނަ މިފަދަ ތަރައްޤީގެ ވަޞީލަތްތަކަށް ރައްކާތެރިވެ، މިފަދަ ނާތަހުޒީބު އަމަލުތައް ތަކުރާރު ނުކުރުމަށް އެންމެހައި ފަރާތްތަކަށް ނަޞޭޙަތްތެރިވަމެވެ.
މި އައު މަޝްރޫޢަކީ ކުމުންދޫގެ އިޤްތިޞާދަށް ނުހަނު ބޭނުންތެރި މަސައްކަތެކެވެ. މީގެ ސަބަބުން ރަށުގައި ވަޒީފާގެ އައު ފުރުޞަތުތައް އުފެދި، ރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު މާކެޓެއް ހުޅުވިގެންދާނެއެވެ. ރަށުގެ ތިމާވެށި ހިމާޔަތްކުރަމުން، ރަށުގެ ޤުދުރަތީ ވަޞީލަތްތަކުގެ ބޭނުން ހިފައިގެން އާމްދަނީ އިތުރުކުރުމަށް ލިބޭ މި ފުރުޞަތަކީ ކުމުންދޫއަކީ އުތުރުގެ ފާހަގަކޮށްލެވޭ އިޤްތިޞާދީ މަރުކަޒަކަށް ވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ސަރުކާރުގެ އެހީތެރިކަމާއެކު މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަކީ ރަށުގެ އެންމެހައި ރައްޔިތުންނަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.