މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ތަދާއި، ޖިއޯޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. މިގޮތުން އެންމެ ފަހުން މި މައްސަލަ ބޮޑުވެ، ފްލައިޓްތައް ކެންސަލް ކުރަން ޖެހިފައިވަނީ ފަރަންސޭސިވިލާތުގެ މަޝްހޫރު އެއަރލައިންއެއް ކަމަށްވާ ޓްރާންސޭވިއާ ފްރާންސް (Transavia France) އަށެވެ. ޓްރާންސޭވިއާ ފްރާންސް އަކީ އެއަރ ފްރާންސް-ކޭ.އެލް.އެމް (Air France-KLM) ގްރޫޕުގެ ދަށުން ހިންގާ، އަގުހެޔޮކޮށް ދަތުރުކޮށްދޭ އެއަރލައިންއެކެވެ. ޕެރިސްގެ އޯލީ އެއަރޕޯޓް މަރުކަޒުކޮށް ހިންގާ މި އެއަރލައިން އަކީ މައިގަނޑު ގޮތެއްގައި ޔޫރަޕާއި އުތުރު އެފްރިކާގެ ގައުމުތަކަށް ޗުއްޓީ ހޭދަކުރަންދާ މީހުންގެ މެދުގައި މަގުބޫލު އެއަރލައިންއެކެވެ.
ޖެޓް ފިއުލް ނުވަތަ މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، މި އެއަރލައިންގެ ކުރިއަށް އޮތް މެއި އަދި ޖޫން މަހުގެ ފްލައިޓްތަކުގެ ބައެއް ދަތުރުތައް ކެންސަލް ކުރަން މިހާރު ވަނީ ނިންމާފައެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (IEA) ގެ ރައީސް ފާތިހް ބިރޯލް މި މަހު މިކަމަށް އިޝާރަތްކުރައްވާ ބުނެފައިވާ ގޮތުގައި، ޔޫރަޕަށް ވަރަށް އަވަހަށް ޖެޓް ފިއުލް ޝޯޓޭޖެއް ނުވަތަ ތެޔޮ ލިބުމުގެ ދަތިކަމެއް ކުރިމަތިވެދާނެއެވެ. މި ނުރައްކާ މިހާރުވެސް ދަނީ ފެންނަމުންނެވެ. ނެދަލޭންޑްސްގެ ކޭ.އެލް.އެމް (KLM) އިން ވަނީ ތެލުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ކުރިއަށް އޮތް މަހު ޔޫރަޕްގެ ތެރޭގައި ކުރަން ހަމަޖެހިފައިވާ 160 ފްލައިޓް ކެންސަލް ކުރާނެކަން އިއުލާންކޮށްފައެވެ. އަދި ޖަރުމަނުގެ ލުފްތަންސާ (Lufthansa) އިންވެސް ވަނީ ތެލުގެ އަގު އުފުލުމުގެ ސަބަބުން އޮކްޓޯބަރު މަހާ ހަމައަށް 20،000 ކުރު ދަތުރު ކެންސަލްކޮށް، އެ ކުންފުނީގެ ސަބްސިޑިއަރީއެއް ކަމަށްވާ ސިޓީލައިން (CityLine) ގެ އޮޕަރޭޝަންތައްވެސް ހުއްޓާލަން ނިންމާފައެވެ.
ފަރަންސޭސިވިލާތާއި ޖަރުމަނު ފަދަ ދުނިޔޭގެ އެންމެ ބޮޑު އަދި ވަރުގަދަ އިގްތިސާދުތަކަށް މިފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މިއީ ރާއްޖެ ފަދަ ކުދި އިގްތިސާދުތަކަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ބޮޑެތި ގައުމުތަކުގެ ވަސީލަތްތަކާއި މާލީ ބާރުވެރިކަން ހުރެމެ، އެ ގައުމުތަކުގެ އެއަރލައިންތައް ހުއްޓުމަކަށް އަންނަން ފެށުމަކީ ރާއްޖެ ފަދަ ނާޒުކު އިގްތިސާދަކަށް އޭގެ ނޭދެވޭ އަސަރު މާ ބޮޑަށް ކުރާނެ ކަމެއްގެ ފެށުމެވެ. ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންނަކީ ޔޫރަޕުން ދިގު ދަތުރުތައް ކޮށްފައި އަންނަ މީހުންނެވެ. ތެލުގެ އަގު ބޮޑުވުމުން ޓިކެޓްގެ އަގު އުފުލި، ގިނަ ބަޔަކަށް ރާއްޖެއަށް ދަތުރުކުރުން މާލީ ގޮތުން ދަތިވެދާނެއެވެ. ބޮޑެތި އެއަރލައިންތަކުން ޚަރަދު ކުޑަކުރުމަށްޓަކައި ދިގު ދަތުރުތައް މަދުކޮށް، ކައިރި މަންޒިލްތަކަށް އިސްކަންދޭން ފަށައިފިނަމަ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށްދާނެއެވެ.
މީގެ އިތުރުން، ރާއްޖެއަކީ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ތަކެތި ވައިގެ މަގުން އެތެރެކުރާ ގައުމަކަށް ވުމުން، ފްލައިޓްތައް މަދުވެ، އެއަރ ފްރައިޓްގެ އަގު ބޮޑުވުމުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ތަކްލީފުތަކެއް ކުރިމަތިވެދާނެއެވެ. ބޮޑެތި ގައުމުތަކުގައި ތެލުގެ ރިޒާވް ހުރި ނަމަވެސް، ރާއްޖެ ފަދަ ގައުމުތަކަކީ ދުނިޔޭގެ ބާޒާރުގެ އަގަށް ބަރޯސާވާންޖެހޭ “ޕްރައިސް ޓޭކާސް” އެކެވެ. ޓްރާންސޭވިއާ ފްރާންސް އާއި ލުފްތަންސާ ފަދަ ބޮޑެތި ބާރުތަކަށް މިފަދަ ހާލަތެއް މެދުވެރިވުމުން، ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރިމަތިވެދާނެ ނުރައްކާ މާ ބޮޑެވެ. މިފަދަ ދަނޑިވަޅެއްގައި، ބޭރުގެ ގައުމުތަކަށް ބަރާސާވާ މިންވަރު ކުޑަކޮށް، އިގްތިސާދީ ގޮތުން މިފަދަ ގޮންޖެހުންތަކަށް ތައްޔާރުވުމަކީ ދިވެހިރާއްޖެއަށް މިއަދު މަޖުބޫރުވެފައިވާ ކަމެކެވެ. ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮންޖެހުންތަކާއެކު، ކުދި ގައުމުތަކަށް އޮތީ ވަރަށް ނުތަނަވަސް ދުވަސްތަކެކެވެ.