KUMUNDHOONEXT

އެހެނިހެން ލިޔުން

ޑްރޯނަށް މިލިއަނުން ޑޮލަރު، ރައްޔިތުންނަށް ބޭންކް ލިމިޓް! ޑޮލަރު ބޯކޮށް ވައްނަ “ވޯލްޑް ލީޑިން ޑެސްޓިނޭޝަން” އަށް މިވީ ކިހިނެތް؟

May 8, 2026

ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ޝަރަފު ވިދިވިދިގެން ހަ އަހަރު ވަންދެން ރާއްޖެއިން ދަމަހައްޓާފައިވާއިރު، މިއީ ގައުމުގެ އިގްތިސާދަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިދިޔަ އަހަރުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވީ ނަމަވެސް، މަރުކަޒީ ބޭންކް އެމް.އެމް.އޭ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް އަދިވެސް އެދެވޭ ހައްލެއް ނުލިބެއެވެ. 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ބަލާއިރު، ކުރިއަށް އޮތް އެޕްރީލް މަހާއި އޭގެ ފަހުން އޮތް ދެ މަސްދުވަހަށް ބޭނުންކުރަން ހުރި ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ފައިސާގެ މިންވަރަކީ އެންމެ 409 މިލިއަން އެމެރިކާ ޑޮލަރެވެ.

ރިޒާވްގައި ހުރި މި ފައިސާއަކީ ރާއްޖެއަށް ބޭނުންވާ ޕެޓްރޯލާއި، ޑީސަލާއި، ޖެޓް ފިއުލް ފަދަ ތެލުގެ ބާވަތްތައް އިމްޕޯޓް ކުރުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭ ފައިސާއެވެ. މީގެ އިތުރުން، އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ކަމަށްވާ ހަނޑުލާއި، ހަކުރާއި، ފުށް ފަދަ ތަކެތި އެތެރެކުރުމަށާއި، ވިޔަފާރިވެރިންނަށް ބޭނުންވާ ޓީ.ޓީ ތަކަށް ބޭންކުތަކަށް ދޫކުރުމަށްވެސް ބޭނުންކުރަނީ މި ފައިސާކޮޅެވެ. މި ހިސާބުން އުފެދޭ ސުވާލަކީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އޮވެ، އުޑުން ޑޮލަރު އޮހޭ ކަމަށް ބުނާ މި ގައުމުގެ ރިޒާވްގައި 400 ވަރަކަށް މިލިއަން ޑޮލަރު ހުރުމަކީ އެކަށީގެންވާ މިންވަރެއް ހެއްޔެވެ؟

ރާއްޖެއަކީ އަމިއްލަ އުފެއްދުންތެރިކަން މަދު، ބޭރުން ގެންނަ މުދަލަށް ނުހަނު ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން، ފަތުރުވެރިކަމުން ލިބޭ ޑޮލަރުގެ ބޮޑުބައެއް އަނބުރާ ގައުމުން ބޭރަށް ދަނީ އިމްޕޯޓް މުދަލަށް ކުރާ ހޭދައިގެ ގޮތުގައެވެ. މިފަދަ ނާޒުކު ހާލަތެއްގައި ގައުމުގެ އިގްތިސާދަށް މާ ބޮޑު ފައިދާއެއް ނެތް، އަދި މިވަގުތަށް އެންމެ މުހިންމު ނޫން ކަންކަމަށް މިލިއަނުން ޑޮލަރު ހޭދަކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. މިސާލަކަށް، 500 މިލިއަން ރުފިޔާގެ ޑްރޯންތަކާއި އެމް.އެން.ޑީ.އެފް އަށް އަލަށް ގަތް އަސްކަރީ އުޅަނދުތަކަކީ މިވަގުތުގެ ހާލަތަށް ބަލާއިރު ކޮންމެހެން ބޭނުންތެރި އެއްޗެއް ނޫނެވެ. ރާއްޖެއަކީ އޭގެ ޒާތުގައި އަސްކަރީ ބާރަކަށް ވުމުގެ ގާބިލްކަން ނެތް، އިންސާނީ ވަސީލަތްތައްވެސް މަދު ގައުމަކަށްވާއިރު، އަސްކަރީ ކުރިއެރުމަށްވުރެ އިގްތިސާދީ ހަމަޖެހުން މާ މުހިންމެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު، ޓައިވާނާއި ސިންގަޕޫރު ފަދަ ގައުމުތަކަކީ އަސްކަރީ ގޮތުން ބޮޑެތި ބާރުތަކަކަށް ނުވި ނަމަވެސް، އެ ގައުމުތަކުގެ އިގްތިސާދީ ވަރުގަދަކަމުގެ ސަބަބުން ދުނިޔޭގައި ބަސްކިޔޭ ގައުމުތަކެވެ. ޗައިނާ ފަދަ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ޓައިވާނަށް ހިފަހައްޓާލެވެނީ އެގައުމުގެ އިގްތިސާދީ “ލެވަރޭޖް” ގެ ސަބަބުންނެވެ. ރާއްޖެއިންވެސް ދަސްކުރަންވީ މި ފިލާވަޅެވެ. ސަރުކާރުން ބޭކާރު ކަންކަމަށް ޑޮލަރު ހޭދަކުރުމުގެ ނަތީޖާއަކީ، އާންމު ރައްޔިތުންނަށް ބޭންކްތަކުން ދޭ ޑޮލަރުގެ ލިމިޓް ކުޑަވެ، ވިޔަފާރިތަކަށް ދަތިވުމެވެ. ހަ އަހަރު ވަންދެން ފަތުރުވެރިކަމުން ރަން ވަނަ ހޯދި ގައުމެއްގެ ރިޒާވްގައި 409 މިލިއަން ޑޮލަރު ހުރުމަކީ މުޅި ނިޒާމު ރޭވިފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމެކެވެ.

މި މައްސަލައަށް އޮތް ހައްލަކީ ހަމައެކަނި ލޯނު ނެގުމެއް އަދި 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމެއްވެސް ނޫނެވެ. ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓޭނެ ހަރުދަނާ ސިޔާސަތުތަކެއް ބޭނުންވެއެވެ. އަދި ހަމައެއާއެކު، އަސްކަރީ ބާރުވެރިކަމަށްވުރެ ބޮޑަށް، ކާބޯތަކެތީގެ ރައްކާތެރިކަމާއި، ބޭހާއި، އަދި ގޭހާއި އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރަށް ދާ ޑޮލަރު މަދުކުރެވޭނެ ގޮތްތަކެއް ހޯދަންޖެހެއެވެ. ގައުމުގެ ރިޒާވް ވަރުގަދަ ނުކޮށް ކުރާ ބޭކާރު ހޭދަތަކުގެ ތަކްލީފު އުފުލަން ޖެހޭނީ އާންމު ރައްޔިތުންނެވެ.