KUMUNDHOONEXT

އެހެނިހެން ލިޔުން

ކުމުންދޫގެ ‘ބަނދަރު ލޫޕް’: އެއްތަނުން އަނެއްތަނަށް، އެއް ޝަކުވާއިން އަނެއް ޝަކުވާއަށް!

May 5, 2026

މީގެ އަހަރުތަކެއް ކުރިން ރަށެއްގެ މީހުން އެއްވެގެން އެމީހުންގެ ރަށު ކައުންސިލަށް ބޮޑު ޕެޓިޝަނެއް ހުށަހެޅިއެވެ. އެމީހުން ބޭނުންވީ ރަށުގެ އެންމެ އޮއިގަދަ، ރާޅު ބޮޑު ސަރަހައްދުގައި ރަށު އެންމެން ހަވީރު ފިނިކޮށްލަން ތިބޭނެ ބޮޑު “ޖޯލިފައްޗެއް” ބަހައްޓާށެވެ. އޭރު ތަޖުރިބާކާރުން ބުންޏެވެ، “ތިޔަ ތަނަކީ ރާޅު އަރާ، ލޮނު ބޮޑުވާ ތަނެކެވެ، ޖޯލިތައް ދަބަރު ޖަހައި ހަލާކުވާނެއެވެ.” އެކަމަކު ރަށު މީހުން ބުނީ “ނޫނެކެވެ، އަހަރެމެން ބޭނުމީ ހަމަ އެތަނެވެ، އެތަނުން ފެންނަ މަންޒަރު މާ ރީއްޗެވެ” މިހެންނެވެ. އެންމެ ފަހުން ރަށު މީހުން ބޭނުންވި ގޮތަށް، ބޮޑު ހަރަދުކޮށްފައި އެތަނުގައި ޖޯލިފަތި ބަހައްޓައިފިއެވެ.
ނަމަވެސް ޖޯލިފަތި ބެހެއްޓިތާ މާ ގިނަދުވަސްތަކެއް ނުވަނީސް ޝަކުވާތައް ފެށިއްޖެއެވެ. “މިތަނުގައި ތިބޭއިރު ލޮނު ބުރަނީއެވެ، މިއީ އަމާން ތަނެއް ނޫނެވެ، މިއީ ކޮން ފެންވަރެއްގެ ޖޯލިތަކެއް ހެއްޔެވެ؟” މިހެން ކިޔައި ރަށު މީހުން ސަރުކާރުގައި ޝަކުވާކުރަން ފެށީ އެ ޖޯލިފަތިތައް މަރާމާތުކޮށް، ވަށައިގެން ފާރުލައި، ލޮނު ނުބުރާނެ ގޮތް ހަދައިދިނުމަށެވެ. މި ޝަކުވާތަކުގައި އެތަށް އަހަރު ހޭދަވެގެން ދިޔައިރު، ފަހުގެ ޖެނެރޭޝަންގެ މީހުން ކިޔަނީ “މި ޖޯލިފަތި ބެހެއްޓި ބަޔަކު މީގެ ނުރައްކާތެރިކަމާ މެދު ނުވިސްނީ ކީއްވެ ހެއްޔެވެ؟” އެވެ. އެކަމަކު އެއީ ހަމަ އޭރުގެ އެ ރަށުގެ ބަޔަކު އަމިއްލައަށް ބޭނުންވެގެން ޖޯލިފަތި ހަދަން ނިންމި ތަނެވެ.

ދެން އެތައް ދުވަހަކު އާދޭސްކޮށްގެން، ޖޯލިފަތި މަރާމާތުކުރަން ބަޖެޓު ހަމަޖެހި، އިންޖިނޭރުން އައިސް ސިމެންތި ގަށަން ފެށި ވަގުތު، ރަށު މީހުން އެއްވެއްޖެއެވެ. މިފަހަރު ރޫހު ހުރީ މުޅިން ތަފާތު ގޮތަކަށެވެ. އެމީހުން ބުންޏެވެ، “މިހާރު އަހަރެމެން މި ޖޯލިފައްޗެއް ބޭނުމެއް ނޫނެވެ. މިހާރު ބޭނުމީ ރަށުގެ އަނެއް ފަރާތުގައި އޮތް ކުޑަ ދޮންވެލި ތުނޑީގައި ބޮޑު އުނދޯއްޔެއް ބަހައްޓާށެވެ.” އިންޖިނޭރުން ހައިރާންވެފައި އެހިއެވެ، “ދިހަ އަހަރު ވަންދެން މިތަން ރަނގަޅު ކުރަން ކިޔާފައި، މިހާރު މަސައްކަތް ފެށީމާ އާ ތަނެއް ދައްކަނީ ކީއްވެ ހެއްޔެވެ؟” ރަށު މީހުން ޖަވާބުގައި ބުންޏެވެ، “އެއީ ކުރީގެ ވިސްނުމެވެ، މިހާރު އަހަރެމެންގެ ހިތް އޮތީ އެހެން ދިމާއެއްގައެވެ.” ރަނގަޅެވެ. ހިޔާލަކީ ފާރަށް ޖަހާފަ އިންނަ މޮހޮރެއް ނޫންތާއެވެ. ހިޔާލާ ފިކުރާ ވިސްނުން ބަދަލުވެދާނެއެވެ.

މިއަދު އެ ރަށުގެ ހާލަކީ، ކުރީގެ ޖޯލިފަތި ބާވެ، ދަބަރު ޖަހައި ހަލާކުވަނީއެވެ. އެތަން މަރާމާތު ކުރަން ގެނައި ސިމެންތި ބަސްތާތައް ގަނޑުވަނީއެވެ. އަދި ރަށު މީހުން ތިބީ އާ ތުނޑީގައި އުނދޯލި ބަހައްޓާނެ ގޮތަކާ މެދު އެކަކު އަނެކަކާ “ޑިބޭޓް” ކުރާށެވެ. ކުރީގެ ބޭކާރު ހަރަދުން އިބުރަތެއް ހާސިލެއް ނުވިއެވެ.

އާދެ، މިދައްކަނީ ކުމުންދޫގެ ބަނދަރަށް ވެސް ހަމަ ވީގޮތުގެ ދާދި އެއްގޮތް ވާހަކައެވެ. މި ވާހަކައިން ލިބޭ އެންމެ ފުން އިބުރަތަކީ، އިހުލާސްތެރި، އަދި ރަނގަޅު ދިރާސާތަކެއް ނުކުރެވި، ދުރު ވިސްނުމަކާ ނުލައި ނިންމާ ނިންމުމަކީ ކިތަންމެ ގިނަ ވަގުތާއި ހަކަތައެއް ހޭދަކުރިޔަސް، އޭގެ މަންފާ ފެންނަން އޮތް ހަގީގަތަކަށް ނުވާނެކަމެވެ.

ހަގީގީ ހައްލަކީ އެއް ތަނުން އަނެއް ތަނަށް ބަދަލުވުމެއް ނޫނެވެ. ނަމަވެސް، އެއީ ތިމާގެ ނިންމުންތަކުގެ ބަލިކަށިކަން ގަބޫލުކޮށް، އެ ނިންމުން އިސްލާހުކުރުމަށް ދައްކާ ހިތްވަރެވެ. ފުންކޮށް ވިސްނާލުމެއް ނެތި ނިންމާ ކޮންމެ ނިންމުމަކީ، މިއަދު އަހަރެމެން ކުރާ އުންމީދުތައް މާދަމާގެ ހިތްދަތި ޝަކުވާއަށް ބަދަލުކޮށްލާނެ ކަމެކެވެ. އާ މިސްރާބަކަށް ދިއުމުގެ ކުރިން، ކުރީގެ ނިންމުން “ގޯސްވީ” ކީއްވެގެންކަން ދެނެގަތުމަކީ، އަނެއްކާވެސް ހަމަ އެފަދަ ގޯސް ނިންމުމެއް ތަކުރާރުވިޔަ ނުދިނުމަށް އޮތް އެންމެ ހަރުދަނާ މަގެވެ.